ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025އަށް ޚާއްޞަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މި ޗެލެންޖް ފަށާފައިވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހް ކުރުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ޓިކްޓޮކް ޗެލެންޖު ކުރިއަށްދާނީ 30 އޭޕްރިލް 2025އާ ހަމައަށް ކަމަށް ބީސީސީން މަޢުލޫމާތުދެއެވެ. މި ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަށް ވާން ޖެހެއެވެ. އަދި މި ވީޑިއޯތައް ޕޯސްޓް ކުރަން ޖެހޭނީ @maldives.expo ޓެގް ކުރުމަށްފަހު #dhiveheengemauraz25  ނުވަތަ #expomaldives25 ހޭޝްޓެގާ އެކުގައެވެ.

އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާ މި ޗެލެންޖުގައި ކުރިއަށް އޮތް ތިން މަސްދުވަހު، ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ޗެލެންޖުގައި އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން އަދި ކޮންޓެންޓަށާއި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ ފަރާތްތައް ބެލުމަށްފަހުގައެވެ.

އެގޮތުން ވަނަ ހޮވުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:

  • އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން: %40
  • ވީޑިއޯގެ ކޮންޓެންޓް: %30
  • އެންމެ އެންގޭޖްމަންޓް ގިނަ ވީޑިއޯ (ލައިކް، ޝެއަރ އަދި ކޮމެންޓް): 30%

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވާދަވެރި ގޮތެއްގައި ބޭއްވޭ މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ދާނެކަން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ) އިން ވަނީ ވިދާޅުވެފައެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މައުރަޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ މާޗް މަހުގެ 31 އާ ހަމައަށް ފުރުޞަތު ހުޅުވާލާފައިވާކަން ބީސީސީން ވަނީ ހާމަކޮށްފައެވެ.